ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޮމިޝަނުގެ ތިން މެންބަރެއްގެ ދައުރު ހަމަވާތީއެވެ.
ދައުރު ހަމަވާ މެންބަރުންނަކީ ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހާއި، މުހައްމަދު ފަރުސަތުގެ އިތުރުން، ފާތިމަތު ޝަރީފެވެ. މި ތިން ބޭފުޅުން ވެސް އެ ކޮމިޝަނަށް އައްޔަނުކުރީ 2020ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހެވެ. މި އަހަރުގެ ސެޕްޓެންބަރު ތިންވަނަ ދުވަހަށް މި ބޭފުޅުންގެ ދައުރު ހަމަވާނެއެވެ.
ސީއެސްސީގެ މެންބަރުކަމަށް ހުޅުވާލައި، ރައީސް އޮފީހުން މިއަދު ބުނީ، މިއަދުން ފެށިގެން މި މަހު 20ގެ 12:00ގެ ނިޔަލަށް މަގާމަށް އެދި ހުށަހެޅޭނެ ކަމަށެވެ.
މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30އިން 12:00އަށް ރައީސް އޮފީހުންނެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރީ މުޙައްމަދު މުޖުތާޒެވެ. އޭނާ މަގާމަށް އައްޔަނު ކުރިތާ 10 ދުވަސް ފަހުން ވަނީ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އައްޔަނުކޮށްފައެވެ.
ދައުރު ހަމަވާ މެންބަރުންގެ އިތުރުން ދެން އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވީ ފާތިމަތު ހަބީބާއެވެ. އޭނާ އެ ކޮމިޝަނަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޖޫން ހަތަރުވަނަ ދުވަހެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.