ލިސާން 03

ލިސާން: ވާހަކަ --

ދެ އަތް މޭގައި ހުރަސްކޮށްލަމުން އޭނާ އެއްގަމާ ދިމާލަށް ދާން އެނބުރިލިއެވެ. އެވަގުތު އޭނާ ގޮސް ޖެހުނީ މީހެއްގެ މޭމަތީގައެވެ. ނޭފަތް ޖެހުނު ގޮތުން ތަދު ވިނަމަވެސް، އެ ދަތަށް ވުރެ ބޮޑަށް ލިބުނު ސިހުމުން ރަނީމްއަށް ހަޅޭއްލަވައިގަނެވުނީއެވެ.

"ކާކު؟" ރަނީމް ދުރުވެލަމުން ބުނެލިއެވެ. އޭރު އޭނާގެ ހިތުގެ ހިނގުންވަނީ އިންތިހާއަށް އަވަސްވެފައެވެ. މޭގައި އަތް އަޅައިލައިގެން ހުރެ ރަނީމް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާ ޖެހުނީ ބިޔަ ފިރިހެނެއްގެ ގައިގައެވެ. ރަނީމް އުސް އުފުލައިލި ނަމަވެސް، ކުރިމަތީގައި ހުރި މީހާގެ ސޫރަ އެއްވެސް ވަރަކަށް އޭނައަށް ސިފަވާގޮތެއް ނުވިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ އިސް އުފުލައިލި ވަގުތުވީ ދުރުގައި ހުރި ހޮޅިދަނޑިީގެ ލައިޓުވެސް، ދެފަހަރަކު ފިޔަޖަހާލާފައި ނިވުނު ވަގުތަށެވެ.

ބާރުވެފައިވާ ހިތް ހަމައަކަށް އަޅުވަން ރަނީމް މަސައްކަތްކުރަމުން ދިޔައެވެ. ވިއްސާރައިގެ ސަބަބުން ހަނދުގެ އަލިކަން ވަނީ ފަނޑުވެފައެވެ. އުޑުމަތީގައި ދައުރުވާ ވިލާތައް ވެސް މިރޭ ހަނދުވަރަށް ފުރުސަތު ދޭކަށް ބޭނުމެއް ނޫނެވެ. މި ތޫފާނީ ރޭގެ އަނދިރިކަން ބިރުވެރި ނާމާންކަމެއް ސިފަކޮށްދެމުން ދިޔައީ އެހެންވެގެންނެވެ. ވަށައިގެން ހެދިފައިވާ ރުއްތަކާ ގަސްތަކުގެ ސަބަބުން ތަނުގެ އަނދިރިކަމުން ކައިރީގައި ހުންނަ މީހާ ވެސް ވަކި ވަނީ ކިރިޔާއެވެ. ރަނީމް ދެން ވެސް ސުވާލުކުރިއެވެ. ކާކުތޯއެވެ. ކުރިމަތީގައި ހުރި މީހާ އަނގައިންނެއް ނުބުންޏެވެ. ވާހަކަ ނުދެއްކި އެއްކަމަކު ކުރިމަތީގައި އެމީހަކު އަދިވެސް އެބަ ހުރިކަން ރަނީމްއަށް ޔަޤީނެވެ. އެހެން ހުރެފައި އޭނާ ދުރަށް ހިނގައިގަތެވެ. ވަކި ހިސާބަކުން ރަނީމަށް ވެސް އެމީހާ އެ އަނދިރިކަމުގެ ތެރެއަށް އެކީގައި ގެއްލުނީއެވެ. އޭނާ ވެސް އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ގެއާ ދިމާލަށް ހިނގައިގަތެވެ. ދެންމެ ދިމާވި މީހާއާ މެދު ހިތުގައި ޝައުޤުވެރިކަމެއް އުފެދިގެން ދިޔައެވެ. އެތަކެއް ސުވާލުތަކަކުން އެ ހިތް ފުރިގެން ދިޔައެވެ. އެމީހަކު ވާހަކަ ނުދެއްކީ އޭނާ ބިރުގަންނުވަން ހެއްޔެވެ؟ އެގޮތަށް އޭނާގެ ފަހަތުގައި މަޑުކޮށްގެން ހުރީ ކީއްވެ ހެއްޔެވެ؟

ރަނީމް ހީކުރީ އެމީހަކު ދިޔަކަމަށެވެ. އެހެންނަމަވެސް، އޭނާއަށް ނޭނގުނީ، އޭނާ ގޮސް ގެއަށް ވަންނަންދެންވެސް އެމީހަކު ތަންކޮޅެއް ދުރުގައި ހުރި ގަސްތަކެއްގެ ކައިރީގައި ހުރިކަމެވެ.

ގެއަށް ވަނުމަށްފަހު، ދޮރޯށި ތަޅުލާފައި ރަނީމް ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ސަމްރާ އޮތީ ނިދާފައެވެ. ލައިޓް ނިއްވާލަމުން ގޮސް ގޮދަޑީގައި އޮށޯވެލާފައި ގައިމަތީގައި ރަޖާ އަޅައިލުމަށްފަހު ރަނީމް ދެލޯ މަރައިލިއެވެ. އެހެންނަމަވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ހަމަ ވިސްނެނީއެވެ. ދެންމެ ވީ ކަންތަކާ މެދުގައެވެ. އެއީ މީހެއްކަން އޭނާއަށް ޔަޤީނެވެ. އޭނާ އެމީހެއްގެ ގައިގައި ޖެހުނު ގޮތުން އެމީހާގެ ހަށިގަނޑު ބިޔަކަމާއި ފިރިހެންވަންތަކަންވެސް އެނގުނެވެ. އެކަމަކު އެކަމާ އޭނާ ބިރުގަންނަނީ އެއް ނޫނެވެ. އެހެންނަމަވެސް އުނދަގޫވަނީއެވެ. އެމީހާ ވާހަކަ ނުދެއްކީތީއެވެ. އެގޮތަށް ހިމޭންކަން އިޚްތިޔާރުކުރަންވީ ސަބަބެއް އެއްގޮތަކަށްވެސް ރަނީމްއަކަށް ނުވިސްނުނެވެ. ޖެހުނު ވަގުތު އޭނާއަށް އެމީހެއްގެ ގައިން މީރުވަސް ދުވާ އަތަރެއްގެ ވަސް ވެސް ދުވިއެވެ. އެހެންނަމަވެސް އެ އަތަރު އެހެންޏާ އެމީހުން ބޭނުންކުރާ ކަހަލަ ސެންޓާ ތަފާތެވެ. ހުރީ ފާޑަކަށް އަރަބި އަތަރުގެ ވަސްގަނޑެކެވެ. އެހެންނަމަވެސް އެއީ މީރުވަހެކެވެ. އަދިވެސް ހީވަނީ ނޭފަތުގައި އެ ވަސް ހަރުލާފައި ހުރިހެންނެވެ.

ނިދަން އުޅުނު ނަމަވެސް، ނިދޭގޮތެއް ނުވިއެވެ. އަދިވެސް އޭނާގެ ސިކުނޑީގައިވަނީ އެ ޚިޔާލުތަކެވެ. ވިސްނެނީ އެމީހަކާ މެދުގައެވެ. އެ ހާދިސާއާ މެދުގައެވެ. އެ މީހަކާ މެދު އާދަޔާ ޚިލާފަށް ޝައުޤުވެރިކަމެއް ރަނީމްގެ ހިތުގައި އުފެދެން ފެށިއެވެ. ކުޑައިރުން ފެށިގެންވެސް ރަނީމްއަކީ ބިރުކުޑަ ޖެހިލުންކުޑަ އަންހެން ކުއްޖެކެވެ. އޭނާ އުޅޭ ގޮތުން މާމަމެން ދުނިޔޭގައި ވެސް އޭނާއަށް އަޑު ލާ ހަދައެވެ. އެހެންނަމަވެސް ރަނީމް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ އަބަދުވެސް މިނިވަންކަމަށް ލޯބިކުރެއެވެ. މާމަމެން ދުނިޔޭގައި އޭނާއަށް ވަރަށް ބަލައެވެ. ދާތަނެއް ވިއްޔާ ބަލާނެއެވެ. އެކުގައި އުޅޭ ބައެއް ވިއްޔާ އެބަޔެއްގެ ވަނަވަރުވެސް ހޯދާނެއެވެ. އެއީ މާމަމެންގެ ބޯދާ ވިސްނުމުގެ ސަބަބުންނޭ ރަނީމްއަށް ފުރަަތަމަކޮޅު ހީކުރެވުނު ނަމަވެސް ފަހުން ފަހުން އައިސް އެއީ އެމީހުން އޭނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމުގައި ރަނީމްއަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން މާމަމެން އެ ގޮތަށް ބުނާ ބަހަކާ، ނޫނީ ކުރާ އަމަލަކަށް އޭނާ އެހާ ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އޭނާ އަބަދުވެސް މާމަމެންގެ ބަސް ޤަބޫލުކުރެއެވެ. މާމައާއި ކާފައަށް ދޭން ޖެހޭ އިޙްތިރާާމާއި ޤަދަރު ދިނެވެ. އޭނާގެ މަންމަ ސަމްރާއެކޭ އެއްގޮތަށް އެމީހުންވެސް އޭނާ ދެކެވެސް އިންތިހާއަށް ލޯބިވެއެވެ. ދުވަހަކު ގެއްލުމެއް ލިބޭކަށް ނޭދެއެވެ.

"އެއީ ކާކުބާ؟ ކީއްވެބާ އޭނަ ވާހަކަ ނުދެއްކީ؟ އަހަރެން ބިރުގަންނުވަންތަ؟ މިހާރަކަށް އައިސް އެތަނުން އެމީހަކު އެބަ ފެނޭ. އެއީ މާ ގިނައިން މީހުން ދާތަނެއްވެސް ނޫން. އަހަންނެކޭ އެއްގޮތަށް އޭނައަށް ވެސް އެ މާހައުލު ހިތްގައިމުވީބާ؟ ކަމުދަނީބާ؟ އެއީ އަނެއްކާ މި ރަށު މީހެއްބާ؟" ރަނީމްގެ ހިތް އޭނާއާ ސުވާލުކުރަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި އެ ޒުވާނާ ނޫން އެހެން ކަމެއް ނުވެއެވެ.

އެތައް އިރަކު އެފަދަ ވިސްނުންތަކެއްގައި އޮތް ރަނީމްއަށް ނިދުނުއިރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. އެހެންކަމުން ފަތިސް ނަމާދަށް ހޭލުން އޭނާއަށް ވީ އުނދަގޫކަމަކަށެވެ. އެލާމު ވުމާއެކު އެލާމު ނިއްވާލާފައި ނިދަން ބޭނުންވި ނަމަވެސް، މަންމަ ކުކުރާލުމުން އޭނާއަށް މަޖުބޫރުވީ ހޭލާށެވެ.

ސަމްރާ ކޮންމެވެސް އެއްޗެއް ބުންޏެވެ. ވާހަކަ ދެއްކުމުގައި ހުންނަ އުނދަގޫކަމާއެކުވެސް އެބުނީ ކީކޭކަން ރަނީމްއަށް އެނގުނެވެ.

"މި ތެދުވީއޭ މަންމާ…" ކަންނެތްކަމާއެކު ތެދުވެ އޭނާ ގޮދަޑީގައި އިށީނެވެ. ދެލޯ އުނގުޅަމުން ކުޑަކޮށް ތެެދުވެލާ ސްވިޗްބޯޑުގައި އަތް ޖައްސައިލުމަށްފަހު ލައިޓް ޖައްސައިލިއެވެ. ދެން ލެނގިލީ ފާރުގައެވެ. ނިދީގެ ސަބަބުން އެސްފިޔަތަކަށް ވަނީ ބަރުވެފައެވެ. ދެލޯ ހުޅުވާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ އަދިވެސް ނިދީގެ ފޮނި މީރުކަން ހާސިލްކުރާށެވެ. ހުވަފެނީ ޢާލަމަށް ގެބިލާށެވެ. އެހެންނަމަވެސް، އެއީ ގޯހެއްކަން އަމިއްލަ ނަފްސަށް ވިސްނައިދެމުން ތެދުވެގެން ގޮސް އޭނާ ފާޚާނާއަށް ވަނެވެ.

ފަތިސްނަމާދު ކޮށްލައިގެން ބަދިގެއަށް ވަދެ، ކާއެއްޗެހި ތައްޔާރުކޮށްފައި، ރަނީމް މޭޒުކައިރީގައި އިށީނދެލީ ކަޅު ސައިތައްޓެއް ގިރާލައިގެންނެވެ. ކޮފީއަކީ އޭނާއަށް މާ ކަމުދާ އެއްޗެއް ނޫނެވެ. ފަހަރުގައި އެންމެ ކުރިން ފެށިގެންވެސް މާމަމެންނާ އެކު ކަޅުސައި ބޮވޭތީ ކަންނޭނގެއެވެ. ސައިބޮއިގެން ރަނީމް ގޮސް ސަމްރާ ފެންވަރުވާ ރީތިކޮށްފައި ކާން ދިނެވެ. އެއަށްފަހު، އޭނާ ވެސް ތައްޔާރުވެލައިގެން އޮފީހަށް ދާންވެގެން ނުކުމެލިއެވެ.

ބޭއިޚްތިޔާރުގަައި ރަނީމްއަށް ރުއްފަލާ ދިމާލަށް ބަލައިލެވުނެވެ. އެ ޒުވާނާ ހުރެދާނެކަމަށެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އޭނާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ވިއެވެ. އެ ޒުވާނާ ފެންނާނެކަމުގައެވެ. އެތަނުން އެކިއިރު އިރަށް އޭނާއަށް އެ ފެންނަނީ އެކެކޭ ރަނީމްގެ ހިތް ބުނަނީއެވެ. އެ ހިތް ޝައުޤުވެރިވެފައިވީ އެ މީހެއްގެ މޫނު ދުށުމަށެވެ. ޚިޔާލުތަކުން މިންޖުވަމުން އަތުގައި އަޅާފައިވާ ގަޑިއަށް ބަލައިލަމުން ރަނީމް އޮފީހާ ދިމާލަށް ހިނގަައިގަތެވެ.

އެ މަންޒަރު ބަލަން މީހަކު ހުއްޓެވެ. އޭނާ ނިވާވެގެން ހުރީ ހޭޅިފަށުގައި ހެދިފަައި މަގޫ ގަސްތަކެއްގެ ފަހަތުގައެވެ. ރަނީމް އެ ދިމާލަށް އެތައް އިރަކު ބެލުމުން ވެސް އެމީހަކު ނުފެނުނީ އެހެންވެ ކަންނޭނގެއެވެ. ރަނީމް ދިޔަ މަންޒަރު ބަލަން ހުރި އެ ޒުވާނާގެ ތުންފަތް މަތީގައި މަައުނަވީ ހިނިތުންވުމެއް ވިއެވެ.

ރަނީމް އޮފީހުން އައިސް މިއަދުވެސް ގޮނޑު ދޮށަށް ދިޔައެވެ. އެ މާހަައުލަކީ އޭނާގެ ހިތަށް ފިނިކަން ގެނެސްދޭ މާހައުލެކެވެ. އެތަނުގެ އެއްފަރާތުގައި އޮންނަ ފުނަ ގަސްތައް ބޯކަމުން އެތަން ނާމާން ވާނެޔޭ ކިޔާފައި ރަށުގެ މީހުން ވެސް އެތަނަށް އަންނަނީ ފުދޭވަރަކަށް މަދުންނެވެ. އެ މާހައުލު ރަނީމްއަށް އެންމެ ކަމުދާ ސަބަބަކީ ވެސް އެއީއެވެ. ހަމަހިމޭންވީމައެވެ. އެހެން ނޫނަސް ގެއާ ކަައިރިން އެންމެ ހިތްހަމަޖެހޭ ފަދަ ތަނަކަށް އޮންނަނީ ވެސް އެތަނެވެ.

ޖޯލީގައި އޮށޯވެ ލޯ މަރާލައިގެން އޭނާ އިރުކޮޅަކު އޮތެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލާއިރު ހަށިގަނޑަށް އަރާމުވެއެވެ. އެހެން އޮވެލާފައި އޭނާ ލޯ ހުޅުވައިލިއެވެ. އެވަގުތު އެއްފަރާތުގައި ހުރި ގަސްތަކާ ދިމާލުގަައި އޭނައާ ދިމާލަށް ބަލަން މީހަކު ހުރި ކަހަލަ ހިލަމެއް ރަނީމްއަށް ވެލިއެވެ. އެހެންނަމަވެސް އޭނާ އެ ދިމާލަށް ބަލައިލިއިރު އެމީހަކު ފެންނާކަށް ނެތެވެ.

ރަނީމްއަށް ވަށައިގެން ހޯދައިލެވުނެވެ. އަދި އަނެއްކާވެސް އެ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ވިސްނުމަކަށް ގެއްލިފައެވެ.

"އެތާ މީހަކު ހުރި. އަހަންނަށް ހީވި ގޮތެއްބާ؟ މިހާރު… ކޮބާތަ؟" ރަނީމްއަށް ބުނެވުނެވެ. އޭރު އެތަނުގައި މީހަކު ހުރިކަން އޭނާއަށް ޔަޤީނެވެ.

"އަހަރެންތަ ތި ހޯދަނީ؟" އަޑު އައީ ރަނީމްގެ ފަހަތުންނެވެ. ސިހިފައި ރަނީމްއަށް އެނބުރެވުނެވެ. އުނދޯއްޔާ އެކީގައެވެ.

"އޭ..." ރަނީމްގެ ކުރިމަތީގައި ހުރީ ފިރިހެންވަންތަ ޒުވާނެކެވެ. ބާމަތި ފުޅާ ހަށިގަނޑަކާއި ދިގު އިސްކޮޅެކެވެ. ކުޑަކޮށް ދިގު ކޮށްލާފައިވާ އިސްތަށިގަނޑު ކޮނޑާ ހަމައަށް އަރައެވެ. އެއީ އަނދިރި ރޭގަނޑެއް ފަދަ އިސްތަށިގަނޑެކެވެ. އެހާވެސް އިސްތަށިގަނޑު ކަޅެވެ. ފިރިހެންވަންތަ ކަމާއި އެ ހަށިގަނޑުގެ ފުރިހަމަކަމަށް ތަޢުރީފްކުރެވޭހާ ވެއެވެ. އެ ހުރިހާ ސިފަތަކެއްގެ ތެރެއިންވެސް ރަނީމްއަށް އެންމެ އަޅައިގަތް ސިފައަކަށްވީ އެ ޒުވާނާގެ ކަޅީގެ ކުލައެވެ. ތޫނު ކަޅިރަވަައިގެ ތެރެއިން އެ ފެންނަމުން ދަނީ މީގެ ކުރިން އޭނާއަށް ފެނިފައިވާ ފަދަ ކަޅިއެއް ނޫނެވެ. އެއީ އާދަޔާ ޚިލާފް ފެހިނޫ ކުލައިގެ ކަޅިއެކެވެ. އެ ލޮލުން ފެންނަމުން ދިޔަ ސިއްރުވެރިކަމާއި، އަސަރުތަކެއްގެ ސަބަބުން ރަނީމްގެ ހަށިގަނޑުގައި ފިނި ރާޅެއް ދައުރުކޮށްލިއެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް ވިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ކިތަންމެ ހާވެސް ފުރިހަމައެވެ. އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ރަނީމްއާ ދިމާލަށް ބަލަން ހުރިއިރު ރަނީމްއަކީ އޭނާ ފެނި ދަންނަ ކުއްޖެކޭ ހީވާ ކަހަލައެވެ.

"އަހަރެން ދޯ ތި ހޯދަނީ…" އެ ޒުވާނާ ދެވަނަ ފަހަރަށް އެ ބަރު ފިރިހެންވަންތަ އަޑުން ބުނެލިއެވެ. އެ އަޑުގައިވަނީ ޔަޤީން ކަމެކެވެ.

"އަހަރެން ކީއްވެ ތި މީހަކު ހޯދަންވީ؟ އަމްދަކުން ތީ އަހަރެން ދަންނަ މީހެއް ވެސް ނޫން." ރަނީމް އެހެން ބުނެލި ނަމަވެސް އޭނާއަށް އެއްކަމެއް ޔަޤީންވިއެވެ. އެއީ އެތަނުން އޭނާއަށް ފެންނަ ޒުވާނާކަމެވެ. އަނެއްކާ އެމީހާ އޭނާއަށް ފާރަލަނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ރަނީމްގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ.

"އަހަންނަށް ވަރަށް ގިނައިން ރަނީމް މިތަނުން ފެނޭ.. " އެ ޒުވާނާ އޭނާގެ ނަން ކިޔަައިލުމުން ރަނީމްއަށް ލިބުނީ އިތުރު ހަައިރާންކަމެކެވެ.

"ކިހިނެއް އަހަރެންގެ ނަން އެނގުނީ؟" ރަނީމް ސުވާލުކޮށްލިއެވެ. އެމީހަކު އޭނާއަށް ފާރަލާލަން ޔަޤީންވެއްޖެއެވެ.

"ނަން ހޯދުމަކީ އަހަންނަށް އެހާ އުދަގޫކަމެއް ނޫން." އެ ޒުވާނާ ބުނެލިއެވެ.

"އެހެންވީމަ ހަމަ އަސްލުވެސް އަހަންނަށް ފާރަލަނީތާ!" ރަނީމްގެ ހިތަށް އެރިއެވެ.

"ރަނީމްއަށް ނޭނގުނަސް އަހަރެންވެސް ވަރަށް ގިނައިން މިތަނަށް އަންނަން. އަދި އެ އަންނަ އައުމުގައި އަހަންނަށް ވަރަށް ގިނައިން ރަނީމް ފެންނަންވެސް ފެނޭ. މި ރަށު މީހުން ކިޔާ ތި އޮތް ފުނަގަސްތައް އޮތް ސަރަހައްދަކީ ވަރަށް ނާމާންތަނެކޭ. އަހަންނަށް އެނގިފަ އޮތް ގޮތުން މި ހިސާބަށް މީހުން ނާންނަނީވެސް އެހެންވެގެން. މީހުން އެހާ ލަހުން މި ހިސާބުގަނޑުގަ އަބާދުވާން ފެށި އެއް ސަބަބަކީވެސް އެއީކަމަށްވަނީ.... " އެ ޒުވާނާ އެހުރި ގޮތަށް ހުރެ ވާހަކަ ދައްކަން ފެށިއެވެ. އޭނަ އޭރުވެސް ހުރީ ހިނިތުންވެލަައިގެންނެވެ.

"މިރަށު މީހެއް ނޫން ދޯ!." ރަނީމް ސުވާލުކޮށްލުމުން އެ ޒުވާނާ އާއެކޭ ބުނެ ބޯ ޖަހައިލިއެވެ.

"އެކަމަކު މިރަށާ ބެހޭ ވަރަށް ގިނަ މައުލޫމާތު އަހަންނަށް އެނގޭ. މީ ވަރަށް ހިތްގަައިމު ރަށެއް. މިތަނަކީ ވެސް ވަރަށް ހިތްގައިމު ތަނެއް... އަހަރެން އެންމެ ގިނައިން މިހާރު އަންނަ ރަށަކީ މީ... އަބަދުވެސް އާ ތަންތަން ބަލައިލާ ދަތުރުކޮށް އުޅުމަކީ އަހަރެން ވަރަށް ކުރާ ހިތްވާކަމެއް." އޭނަ ބުނެލިއެވެ. ވާހަކަތަކުން ހީވަނީ ރަނީމްއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރިހެންނެވެ. އެވަގުތަށް ނިމުން އަންނަން ބޭނުންނުވާހެންނެވެ.

"ކޮން ނަމެއް ކިޔަނީ؟" އެ ވާހަކަތައް އަޑު އަހަން ހުރުމަށްފަހު ރަނީމް ސުވާލުކޮށްލިއެވެ.

"އަހަންނަށް ކިޔަނީ ނާވީ... " އެ ޒުވާނާ ތަޢާރަފްވެލިއެވެ. އޭނާ ހިނިތުންވުން ފުޅާކޮށްލިއެވެ.

"ނާވީ..." ނާވީގެ އަޑު ދަށުން ރަނީމް އެ ނަން ތަކުރާރުކޮށްލިއެވެ. "ސުވާލެއް ކޮއްލަންތަ؟"

ނާވީ ބޯ ޖަހައިލުމަށްފަހު، ޝައުޤުވެރިކަމާއެކު ރަނީމްގެ ސުވާލަކަށް އިންތިޒާރުކުރިއެވެ.

"ރޭގަ ވެސް އަހަންނާ ދިމާވި ދޯ…" ރަނީމް އަހައިލިއެވެ. އެއާއެކު ނާވީ ބޯ ޖަހައިިއެވެ.

"ދެން ކީއްވެ އަހަންނާ ވާހަކަ ނުދެއްކީ؟" ރަނީމް ސުވާލުކޮށްލިއެވެ.

"ތެދަށް ބުނަންޏާ އަހަރެން ވަރަށް ވާހަކަ ދައްކާ ހިތްވި." ނާވީ ދިނީ ނުސީދާ ޖަވާބެކެވެ. ހީވަނީ ސީދާ ސަބަބު ބުނަން އޭނާ ބޭނުންނުވާހެންނެވެ. އޭނާ ރުކެއްގައި ލެނގިލަމުން އެއްފައި ރުކުގައި އަޅުވައިލިއެވެ. އޭރުވެސް އަތްވަނީ ޖީބުގައެވެ. ނާވީގެ އެ ލޮލުގެ ތޫނުކަން ހުއްޓިފައިވަނީ ރަނީމްއަށެވެ.

ރަނީމްއަށް ނާވީގެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން އުނދަގޫވުމުން ދުރުބަލައިލިއެވެ. އެއާއެކު ނާވީގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. ކުރިމަތީގައި އިން އަންހެން ކުއްޖާއާ މެދު އޭނާގެ ހިތުގައި ޝައުޤުވެރިކަން ނޫނީ ނުވެއެވެ.

"އަހަރެން ދާންވެއްޖެ!" އެހެން ބުނެލާފަައި ރަނީމް ތެދުވެލިއެވެ. ނާވީގެ ތޫނު ނަޒަރުތަކުން ރަނީމްއަށް ކުރަމުން ދިޔަައީ އާދަޔާ ޚިލާފު އަސަރެކެވެ. ނާވީ ބޭނުންވީ ރަނީމް ހުއްޓުވަން ނަމަވެސް އޭނާ އެއްޗެއް ނުބުންޏެވެ.

"ދަނީ..." އެހެން ބުނެލާފައި ރަނީމް ހިނގައިގަތެވެ.

ރަނީމް ގޮސް ގެއަށް ވަންނަންދެންވެސް ނާވީ ބަލަހައްޓައިގެން ހުއްޓެވެ. ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެންނެވެ.

"ތީ ރަނގަޅުކަމެއް ނޫން!" ކުއްލިއަކަށް ފަހަތުން އިވުނު އަޑާއެކު ނާވީ އެނބުރިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު
OSZAR »