މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި ބޭނުންވީ އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލަން ކަމަށާއި އެކަން ކުރަން އިސްރާއީލަށް އެމެރިކާގެ ހުއްދައެއް ބޭނުން ނުވާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.
ކަޓްޒް އެގޮތަށް ބުނީ، ޚާމަނާއީ އަވަހާރަކޮށްލަން އިސްރާއީލުން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުކުރީ އެމެރިކާއިން އެކަމާ ދެކޮޅު ހެދުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވަނިކޮށެވެ.
"އަހަރެމެން ބޭނުންވީ ޚާމަނާއީ ނައްތާލަން، ނަމަވެސް އޮޕަރޭޝަނަލީ އެ ފުރުސަތެއް ނެތް،" އިސްރާއީލުގެ ޗެނަލް 13އަށް ދިން އިންޓަވިއުއެއްގައި ކަޓްޒް ބުންޏެވެ.
ކަޓްޒް ބުނީ، ޚާމަނާއީއަށް އޭނާގެ ފުރާނައަށް ނުރައްކާ ހަމަލާއެއް އޮތްކަން އެނގޭ ކަމަށާ އެހެންވެ، ހުންނެވީ ބިމު އަޑީގައި ފިއްލަވައިގެން ކަމަށެވެ. އަދި، އިސްރާއީލުގެ ހަމަލާތަކުގެ ފުރަތަމަ ބުރުގައި މަރުވި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ލީޑަރުންގެ މަގާމު އަދާކުރި ކޮމާންޑަރުންނާ މުއާމަލާތްކުރުން ހުއްޓާލެއްވީ ކަމަށެވެ.
ނަމަވެސް، ހަމަލާތައް ކުރިއަށްދިޔައިރު ޚާމަނާއީ ވީޑިއޯ މެސެޖްތައް އާންމުކުރިއިރު ވެސް ޖެނެރަލުންނާ ވަކިވެފައިވާކަން ކަށަވަރުކޮށްދޭ އެއްވެސް ހެއްކެއް ނެތެވެ.
ކަޓްޒް އެގޮތަށް ބުނީ، އީރާނުގެ ނިއުކްލިއާ ގާބިލުކަމަށް ގެއްލުން ލިބުނު މިންވަރާ ބެހޭ ގޮތުން ފުށުއަރާ ރިޕޯޓްތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
ނިއުކްލިއާ ޕްރޮގްރާމުން "ކުރިއެރުން" ހޯދަމުންދާ ކަމަށް ބެލެވޭނަމަ އީރާނަށް އިތުރު ހަމަލާއެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެސް ކަޓްޒް ވަނީ ބުނެފައެވެ.
އިސްރާއީލާއި އީރާނުން ކުރި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަނީ އިސްރާއީލު ނެތި ހިނގައިދާނެކަމުގެ ބިރަށް ކަމަށާއި އެކަމުން އެމެރިކާއަށް ލިބުނު މާ ބޮޑު މޮޅެއް ނެތް ކަމަށް ޚާމަނާއީ އިއްޔެ ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ މި މަހުގެ 21 ވަނަ ދުވަހު ވަނީ އިރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް އަމާޒުކޮށް ހަމަލާ ދީފައެވެ. ރައްދުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެއާ ބޭސްއަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.