ބާމިޔާތޮޅީގެ ފެން މުހިންމުވެފައި ޚާއްސަވަނީ ކީއްވެކަން އެނގޭތަ؟

ލޭޑީސް ފިންގާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފެން--ފޮޓޯ/ޕިންޓްރެސްޓް

ބަމިޔާތޮޅި ނުވަތަ ލޭޑީޒް ފިންގާއަކީ ދިވެހީންގެ ތެރޭ ވަރަށް މަގުބޫލު ތަރުކާރީގެ ބާވަތެކެވެ.

ޚާއްސަކޮށް އޭޝިއާގެ ގިނަ ޤައުމުތަކުގައި ލިބެން ހުންނަ ކެއުންތަކުން ކޮންމެވެސް އެއް އިރެއްގެ ކެއުމުގައި ބާމިޔާތޮޅި އަބަދުވެސް ހިމެނެއެވެ.

ބާމިޔާތޮޅިން ހަށިގަނޑަށް ގިނަގުނަ ސިއްހީ ފައިދާތަކެއް ލިބޭއިރު ދިވެހީންގެ ތެރޭ މި ބާވަތް ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި، ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ބާވަތެއްގެ ގޮތުގައެވެ.

މި ފަހަކަށް އައިސް ބާމިޔާތޮޅި ބޭނުންކޮށްގެން ތައްޔާރުކުރާ މަޝްހޫރު 'އޯކްރާ ވޯޓާ'އަކީ ''ޖާދުވީ ފެނެއް'' ކަމަށް ސިއްހީ މާހިރުން ވަނީ ސިފަކޮށްފައެވެ.

ސިއްހީގޮތުން ލިޔެފައި ހުންނަ ލިޔުންތައް މުޠާލިއާ ކުރުމުގެ މަސައްކަތްކުރާ ރެޖިސްޓަޑް ޑައިޓީޝަން އަދި ލައިސެންސްޑް ޑައިޓީޝަން ކެތެރިން މަރެންގޯ ބުނެފައިވާ ގޮތުގައި ބާމިޔާތޮޅި އަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އަދި ފައިދާހުރި ވިޓަމިންސް އާއި މިނެރަލްސް އެކުލެވޭ ބާވަތެކެވެ.

އޯކްރާ ވޯޓާގެ ނަމުގައި މިފަހަކަށް އައިސް ވައިރަލްވެފައިވާ މި ފެނަކީ ގައިގެން ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ވެސް އެހީތެރިވެދޭ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ދެހާސްނަވާރަ ވަނަ އަހަރު ބާމިޔާތޮޅިން ތައްޔާރުކޮށްފައިވާ ފެން މީދާތަކަކަށް ބޯން ދީގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އޭގެ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް ދިނުމަށް އެހީތެރިވިއެވެ.

މީގެއިތުރުން 2021ވަނަ އަހަރު ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ ޓައިޕް-2 ޑައިބެޓީސް ހުންނަ ދެ މީހަކު 'އޯކްރާ ވޯޓާ' ބޭނުންކުރުމުގެ ސަބަބުން ހަކުރު ދަށްކޮށްދިނުމަށް އެހީތެރިވިއެވެ.

ބާމިޔާތޮޅިއަކީ ފައިބާއިން މުއްސަނދި ބާވަތަކަށް ވުމުން މިއިން ތައްޔާރުކުރެވޭ ފެނުގެ އެހީގައި ކާނާ ފަސޭހައިން ހަޖަމުކޮށްދިނުމަށް ވެސް އެހީވެއެވެ. މި ފެނަކީ ހަށިގަނޑުގައި އުފެދޭ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުމަށް އެހީތެރިވާ އެއްޗަކަށް ވުމުން އޭގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުން މީހާ ދުރުކޮށްދިނުމަށް އެހީވެއެވެ.

އޯކްރާގައި އެކުލެވޭ ލެކްޓިން ނަމަކަށް ކިޔާ ޕްރޮޓީން އަކީ އިންސާނުންގެ ހަށިގަނޑުގައި ކެންސަރުގެ ސެލްތައް ހެދިބޮޑުވުން ހުއްޓުވައި ދިނުމަށް އެހީތެރިވެދޭ ބާވަތެއް ކަމަށް ލައިސެންސްޑް ޑައިޓީޝަން ކެތެރިން މަރެންގޯ ވަނީ ބުނެފައެވެ.

ބާމިޔާތޮޅިއަކީ އޭގައި އެކުލެވޭ ސިއްހީ ފައިދާތަކުގެ ސަބަބުން ވަރަށް ގިނަ އޭޝިއާ ޤައުމުތަކުގެ ކެއުުންތަކުގައި ހިމަނާ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

އެގޮތުން މިކަމާ ގުޅިގެން 2014 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި ލެކްޓިންގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދުނު ކެންސަރު ސެލްތައް ހެދިބޮޑުވުން ފަސްދޮޅަސްތިން އިންސައްތައަށް ކުޑަވިކަން ވަނީ ހާމަވެފައެވެ.

އޯކްރާ ވޯޓާ ފަސޭހައިން ތައްޔާރުކޮށްލަން ބޭނުންވާނަމަ ބާމިޔާތޮޅި ރަނގަޅަށް ދޮވެލުމަށްފަހު ފަސްވަރަކަށް ބާމިޔާތޮޅި މެދުން ފަޅިކޮށް ދޭއް ނުވަތަ ތިން ތަށި ފެނުގައި ބަހައްޓައިލާށެވެ.

ފުޅިއަކަށް ނުވަތަ ބިއްލޫރި ތައްޓަކަށް ބާމިޔާތޮޅި އާއި ފެން އަޅައިލުމަށްފަހު މަދުވެގެން އަށް ގަޑިއިރު ނުވަތަ އެއް ދުވަސް ވަންދެން އައިސް އަލަމާރީގައި ނުވަތަ ފިނިހޫނުމިން އެއްވަރެއްގައި ހުންނަ ތަނެއްގައި ބެހެއްޓިދާނެއެވެ. އެއަށްފަހު ފެން ފުރާނާލުމަށްފަހު ބޭނުންކުރަންވީއެވެ.

comment ކޮމެންޓް
OSZAR »